ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4000 ފްލެޓް ލިބުނު މީހުންގެ ތެރެއިން، އިތުރު ފަސް ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެފްޑީސީން މިއަދު ބުނީ، އެ ކޯޕަރޭޝަނުން ތާވަލުކޮށްފައިވާ ގޮތަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަމާން އުދަރެސް ޓަވަރު 11، 12، 15 އަދި 16ވަނަ ޓަވަރުގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުން ފެށިފައިވާ ކަމަށާއި 13ވަނަ ޓަވަރުގެ ތަޅުދަނޑި ހަވާލުކުރުން މާދަމާ ފެށޭނެކަމަށް ވެސް އެފްޑީސީން ބުންޏެވެ.
މިގޮތުން މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:30އިން ފެށިގެން މެންދުރު 03:30އަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބުނެފައިވެއެވެ.
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގައި ހިމެނޭ ތިން ކޮޓަރީގެ އެޕާމަންޓުތަކުގެ ކުލީގެ ގޮތުގައި، މެއިންޓެނަންސް ފީއާއެކު 11،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ދެ ކޮޓަރީ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި، މެއިންޓެނަންސް ފީއާއެކު 8،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓަށް 15،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



