ޏ. ފުވައްމުލަކުގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ގާއިމުކުރުމަށް ބޭނުންވާ ބިންގާ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނީ މި މަސައްކަތަކީ އެ ރަށުގެ ކަރަންޓު ގްރިޑަށް ދެމިހުންނަނިވި ހަކަތަ ގުޅާލުމާއި، ކަރަންޓު ނިޒާމުގެ ހަމަޖެހުން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
މި ބެޓެރީ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ކަރަންޓު ސްޓޭޝަން ގޯތިތެރޭގައި ކަމަށާއި ކަރަންޓު ސްޓޭޝަން ގޯތިތެރޭގައި މި ސިސްޓަމް ގާއިމުކުރުމުގެ ސަބަބުން ރަށުގެ ކަރަންޓު ގްރިޑަށް މި ސިސްޓަމް ގުޅާލުން ފަސޭހަވެ، ހަކަތަ މެނޭޖުކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ 2 މެގަވޮޓް ހަވަރެއްގެ މި ބީ.އީ.އެސް.އެސް ސިސްޓަމަކީ، 2 މެގަވޮޓްގެ ސޯލާ ޕީ.ވީ (ފޮޓޯވޮލްޓައިކް) ސިސްޓަމްތަކަށް ބާރުދިނުމަށްޓަކައި ބޭނުންކުރެވޭނެ ސިސްޓަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ފުވައްމުލަކުގެ ހަކަތަ ފޯރުކޮށްދޭ ނިޒާމުގައި ސޯލާ ހަކަތައިގެ ބައި އިތުރުކޮށް، ސާފު ހަކަތައިގެ ބޭނުން އިތުރަށް ހިފުމަށް މަގުފަހިވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއީ ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދެމިހުންނަނިވި ހަކަތައިގެ މަޝްރޫއުތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ.



