ދެ ލޯބިވެރިން ކުރި ޒުވާބެއްގައި މާރާމާރީއެއް ހިނގައި، އެކަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ފަރުވާ ދޭން ފަށައިފިއެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:05 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މިމާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް ކަމަށާއި މި ދެމީހުންގެ ތެރެއިން ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.
މި މާރާމާރީގައި ދެމީހުންނަށްވެސް އަނިޔާވެފައިވާތީ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.
މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމުގައިވެސް އޮފިޝަލު ބުންޏެވެ.



