ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ފައިސާއާއެކު އަތުލައިގަތް މީހަކު ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވެ، އޭނާގެ މައްޗަށް 12 އަހަރުގެ ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގ. މައްސާގުގޭ ހުސައިން ޝާހްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އޭނާ ދިރިއުޅުނު ގެއިންނާއި ގުޅުންހުރި އެހެން ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ކިރަން ބޭނުން ކުރާ ސާމާނާއި ފައިސާ، ފެނިފައިވާތީއެވެ. އެގޮތުން އޭނާއާ ގުޅުންހުރި ތަންތަން ބަލާފާސްކުރުމުގެ ތެރޭގައި ޖުމްލަ 2.5 ކިލޯގެ ކެނެބިސް ފެނިފައިވެއެވެ.
މިކަން ހިނގާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
އެ މައްސަލާގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ ފުރަތަމަ އިންކާރުކުރި ނަމަވެސް ފަހުން ދައުވާއަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިއެވެ. އެ ދައުވާއަކީ ސާބިތުވެއްޖެ ނަމަ، 25 އަހަރުގެ (އުމުރު ދުވަހުގެ) ޖަލު ހުކުމެއް އަންނަ ދައުވާއެއް ނަމަވެސް އިއުތިރާފުގެ އެއްބަސްވުމާއެކު އަދަބަށް ލުއިތަކެއް ވަނީ ލިބިފައެވެ.
އެގޮތުން ދައުލަތުން އެއްބަސްވެފައިވަނީ އަދަބެއްގެ ގޮތުން 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމާއި 50،000 ރުފިޔާގެ ޖޫރިމަނާއަކަށެވެ. އަދި ކޯޓުން ވެސް ވަނީ އެ އެއްބަސްވުން ބަލައިގަނެ، ހުސެއިން ޝާހުގެ މައްޗަށް އެ އަދަބު ކަނޑައަޅައިފައެވެ. އަދި އެ މައްސަލާގައި ފެނުނު 61.230 ރުފިޔާ ދައުލަތަށް ނެގުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލާގައި ހުސެއިން ޝާހު ޖަލު ބަންދުގައި ހުންނަތާ ފަސް އަހަރާއި ތިން މަހާއި ހަތަރު ދުވަސް މިހާރު ވެފައިވުމުން، އެ މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ދެ މަހާއި 26 ދުވަހުގެ ޖަލު ހުކުމެކެވެ.



