ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ އާންމު ފޯރަމް ”އަހާ“ ގެ ތިންވަނަ ބައްދަލުވުން ބާއްވަން ތައްޔާރުވެއްޖެއެވެ.
އާންމުންނަށް އެތަނަށް ވަޑައިގެން ބައިވެރިވެވޭގޮތަށް އަދި ފޯރަމް ހިނގަމުންދާ ވަގުތު ސޯޝަލްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިއަށްދާ މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ (ޕީއެސްއެމް) ގުޅިގެން ބާއްވާ ފޯރަމެކެވެ.
މި ފޯރަމް މިރޭ 08:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބޭނުންވާ ސުވާލުތައް ފޮނުވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. ސުވާލު ފޮނުވުމަށް އޭއެޗް ޖަހާފަ، ހުސަތަންކޮޅެއް ދޫކުރުމަށް ފަހު، ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށް އެސްއެމްއެސް ފޮނުވާށެވެ.
މިރޭ ބާއްވާ ފޯރަމުގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގަންނަވާ ފަސް ވަޒީރުންނަކީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާ އަދި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހީމް ވަޙީދުއެވެ.
މި ސިލްސިލާގެ 3 ވަނަ ފޯރަމް މިދިޔަ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވީނަމަވެސް އެމަހުގެ ފޯރަމް މި ހިނގާ އެޕްރީލް މަހަށް ފަސްކުރެއްވީ ބަރަކާތްތެރި ރަމަޟާންމަސް މާރިޗު މަހާއި ދިމާވުމުންނެވެ. އަހާ ސިލްސިލާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ގިނަ އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ހާމައަށް އޮންނަ ތަނެއްގައެވެ. އެހެންނަމަވެސް މިއަދާ މިރޭ މާލެ ސަރަޙައްދަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، އަހާ ސިލްސިލާގެ މިރޭގެ ފޯރަމް، ޓީވީ މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ވަނީ ބަދަލުކުރައްވާފަ އެވެ.
އަހާ ސިލްސިލާގެ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ 3 މަހުން އެއްމަހު ރައްޔިތުންގެ ސުވާލުތަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވާ ގޮތަށާއި، އަދި ކޮންމެ 2 މަހުން އެއްމަހު ސީދާ ވަޒީރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތަށެވެ.
މިގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ބޭއްވި އަހާ ސިލްސިލާގެ ފުރަތަމަ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު، އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބްއެވެ.
އަދި މިއަހަރުގެ ފެބުރުވަރީ މަހުގެ 23 ވީ ހުކުރު ދުވަހު ބޭއްވި އަހާ ސިލްސިލާގެ ދެވަނަ ފޯރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.



