މުޅި ރާއްޖެ ސިއްސުވާލި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި، އެ މައްސަލަ އަލުން ބަލަމުންދާ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
އޭސީސީގެ ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކޮމިޝަނުން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝާމިލް ވިދާޅުވީ އެސީސީ ވުޖޫދަށް އައި ދުވަސްވަރު އެންމެ ފުރަތަމަ ކަންކަން ގޮސްފައިވަނީ ރަނގަޅަށް ކަމަށެވެ.
މީގެއިތުރުން ޝާމިލް ވިދާޅުވީ މިދިޔަ މުއްދަތުގެ ތެރޭގައި ޕްރޮސެކިއުޝަނާއެކު އޭސީސީއަށް 432 މައްސަލައެއްގެ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
”އަޅުގަނޑުމެންނަށް އެއްވެސް މައްސަލައެއް ނުފޮނުވޭ ޕްރޮސެކިޓާ ޖެނެރަލްގެ އެއްބަސްވުމަކާ ނުލައި ދައުވާ ކުރާކަށް. އެހެންކަމުން ކޮންމެ ދައުވާ އެއްވެސް ކުރިއަށްދަނީ ޕްރޮސެކިއުޝަންއާއެކު މަޝްވަރާއެއް ކުރުމަށްފަހު. ބައެއް މައްސަލަތައް އެބަހުރި ބުނީމަވެސް ދައުވާ ނުކޮށްދޭ. ވެންޓިލޭޓަރު ކޭސްއަކީ އޭގެ ރަނގަޅު މިސާލެއް. ކިތައް ފަހަރުތޯ އެ މައްސަލައިގައި ދައުވާ ކޮށްދޭން އެދި އަޅުގަނޑުމެން ފޮނުވީ؟“ އޭސީސީގެ ރައީސް ޝާމިލް ވިދާޅުވިއެވެ.
ޝާމިލް އިތުރަށް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އަދިވެސް ދައުވާ ނުކުރި ކަމުގައިވިޔަސް، މިހާރު އަލުން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



