އުމުރުން ދުވަސްވުމާ ބެހޭ ޤައުމީ ސިޔާސަތު (ނޭޝަނަލް އެކްޝަން ޕޮލިސީ އޮން އޭޖިންގް) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު މި ޕްލޭން އިފްތިތާޙް ކޮށްދެއްވީ އިޖުތިމާޢި ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢައިޝަތު ޝިހާމެވެ.
މިއީ އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ޚާއްސަ އޮނިގަނޑެކެވެ.
މި ޕްލޭންގެ ޑްރާފްޓް ޕްލޭނަކީ މެޑްރިޑް އިންޓަނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އޭޖިންގް ފަދަ ބައިނަލްއަގްވާމީ ބޮޑެތި އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނެކެވެ.
މިނިސްޓްރީން ބުނީ މި ޕްލޭނަކީ، 2025 އިން 2028 އަށް ހަތަރު އަހަރުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ އުމުރުން ދުވަސްވީ ދިވެހިންނަށް އިހުތިރާމާއި، ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ މުޖުތަމަޢުއެއް ބިނާ ކުރުމަށް އެކުލަވާލާފައިވާ ބައި-ސެކްޓަރަލް މަގުޗާޓެއް ކަމަށެވެ.
އެގޮތުން މިއީ އިންސާނީ ހައްގުތަކަށް ބާރުއަޅައި، އުމުރުން ދުވަސްވީ މީހުންގެ މިނިވަންކަމާއި، ބައިވެރިވުމާއި، ރައްކާތެރިކަން އިތުރުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭނެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި ޕްލޭންގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުން ހިމެނޭ ކަމަށެވެ.
އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.
”މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީގެ އުމުރު މަތިވަމުންދާ ކަމަށާއި ރާއްޖެއަށް ވެސް މި ބަދަލުތައް އަންނަމުން ދާކަމުގައި އާއިލީ ތަރައްގީއާ ބެހޜ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އާބާދީގެ %7 އަކީ ދޮށީ އުމުރުގެ މީހުން ކަމުގައިވާނެ ކަމަށާއި، 2050 ވަނަ އަހަރާ ހަމައަށް މި ނިސްބަތް ދެގުނައަށް އިތުރުވެ %14 އަށް އަރާނެކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.




