ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާން ’ދީތްވާ‘ ގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އދ. ގެ ސެންޓްރަލް އިމަޖެންސީ ރެސްޕޮންސް ފަންޑު (ސީއީއާރްއެފް) އިން 4.5 މިލިއަން ޑޮލަރު ދީފިއެވެ.
ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވަނީ ސެންޓްރަލް އިމަޖެންސީ ރެސްޕޮންސް ފަންޑް (ސީއީއާރްއެފް) އިން ލަންކާއަށް 4.5 މިލިއަން ޑޮލަރު ދިނުމަށް އދ އިން ނިންމި ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ.
އދ. އިން ފޯރުކޮށްދޭ އެހީގެ މައިގަނޑު އަމާޒަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބޯހިޔާވަހިކަމާއި، ބޯފެނާއި، ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާއާއި، ދަނޑުވެރިކަމާއި މަސްވެރިކަން،“ މިނިސްޓަރު ހެރަތު ވިދާޅުވި އެވެ.
އަދި އޯސީއެޗްއޭ (އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް) ގެ ފަސް މެންބަރުންގެ ޓީމެއް އެ ކާރިސާގެ ތަފްސީލީ އެސެސްމަންޓެއް ހެދުމަށް ލަންކާއަށް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
”މި ކާރިސާގެ ސަބަބުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، އިޤްތިޞާދާއި ދަނޑުވެރިކަން ފަދަ ހުރިހާ ދާއިރާއަކަށްވެސް، އަލުން އާރާސްތުކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވޭ.ސްރީލަންކާ އަލުން އާރާސްތުކުރުމަށް އ.ދ.އިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައި“ މިނިސްޓަރު ހެރަތު ވިދާޅުވިއެވެ.
ސްރީ ލަންކާގެ ސަރަޙައްދުތަކަށް ތޫފާން ދިތުވާ އަރާފައި ވަނީ ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންގޮސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 635 އަށް އަރާފައެވެ.



