މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް އަދި މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ މަސްވެރިކަމާ ދިވެހީންނާ ވަނީ ލާމެހިފައި ކަމަށާއި އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމަށެވެ.
”ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ވެސް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.




