އިންޑިއާގެ އެންމެ ބޮޑު އެއާލައިން، ”އިންޑިގޯ“ އިން ފްލައިޓްތައް ކެންސަލް ކުރަމުންދާތީ، އެ އެއާލައިންގެ އޮޕަރޭޝަންތައް 10 އިންސައްތައަށް މަދުކުރަން އެ ޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އިންޑިގޯގެ ފްލައިޓުތައް ކެންސަލް ކޮށްފައިވަނީ އެ އެއާލައިނުގެ މުވައްޒަފުން މަދުވުމުގެ ސަބަބުންނެވެ. އިންޑިގޯއިން މިފަދައިން ފްލައިޓުތައް ކެންސަލް ކުރާތާ މިހާރު 8 ދުވަސް ވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އޭވިއޭޝަން މިނިސްޓްރީން އިންޑިގޯގެ އޮޕަރޭޝަންތައް މަދުކުރަން އެންގިނަމަވެސް، ކުރިންވެސް ދަތުރުކުރާ ހުރިހާ މަންޒިލްތަކަށް ދަތުރު ކުރުމަށް އަންގާފައިވެއެވެ.
އިންޑިގޯގެ ފްލައިޓު ޝެޑިއުލުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ނިއުދިއްލީ، ބެންގަލޫރު، ހައިދަރުއާބާދު އަދި ޗެންނާއީގެ އެއާޕޯޓުން 400 އަށްވުރެ ގިނަ ފްލައިޓް ކެންސަލަވެފައިވެއެވެ. އަދި އެންމެ ގިނައިން ފްލައިޓް ކެންސަލް ވެފައި ވަނީ ވެސް އެ ހަތަރު އެއާޕޯޓުންނެވެ.
މީގެ ކުރިން އޭވިއޭޝަން ވޮޗްޑޯގް ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން، ޑީޖީސީއޭ އިން ވަނީ އިންޑިގޯގެ ދަތުރުތައް ރަނގަޅަށް އެކަށީގެންވާ ގޮތުގައި ކުރުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ، ފްލައިޓް ޝެޑިއުލް ފަސް ޕަސެންޓް ކުޑަކޮށްފައެވެ.
އިންޑިގޯގެ ފްލައިޓްތައް ގިނަ އަދަދަކަށް ކެންސަލް ކުރަން ފެށީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހެވެ. އޭގެ ފަހުން ގާތްގަނޑަކަށް 5،000 ފްލައިޓް ކެންސަލް ކޮށްފައިވާއިރު، އެއާލައިނުން އާންމު ހާލަތަށް އަންނަ ކަމަށް ބުނި ނަމަވެސް އިއްޔެވެސް އެ އެއާލައިނުން ވަނީ 400 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކޮށްފައެވެ.




