ރާއްޖޭގެ މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އައްސަރިބަހާއި ސާބަސް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވަމުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ މަސްވެރިންގެ ހީވާގިކަމާއި ކެރުމާއި ހިތްވަރަށް އައްސަރިބަހާއި ސާބަސް ތަކުރާރު ކުރަމުން، މި އުފާވެރި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.
”މަސްވެރިކަމުގެ ޞިނާޢަތަށް ތިޔާގިކަމާއި މަންފާ އިތުރުކޮށް ދެއްވާށި. އާމީން“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މި ދުވަހާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިއަދު ވަނީ މަސްވެރިންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
އެގޮތުން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް އަދި މަސްވެރި އާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ.
”ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރުކުރުން. ޤައުމުގެ އިގްތިސާދަށް މަސްވެރިކަމުން ލިބޭ މަންފާތައް ގިނަކުރުން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ވެސް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.


