ގަވައިދާ ޚިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަނުން ރޭގައި ހަތަރު މަސާޖު ޕާލަރ ބަލައި ފާސްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ ހަތަރު ތަން ބަލައި ފާސް ކުރުމަށްފަހު، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
މީގެއިތުރުން އެ ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރި، ނޯޓިސްއާއެކު ހުއްޓުވުމުގެ ފިޔަވަޅުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އަޅާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި މަސާޖު ޕާލަރުތައް ނުވަތަ ސްޕާތަކުގެ ނަމުގައި މީގެ ކުރިން ވެސް ވަނީ ހަށިވިއްކާ ތަންތަންފަދަ ގަވާއިދާ ހިލާފު ވިޔަފާރިތައް ހިންގާފައެވެ. އެހެންކަމުން ދޭތެރެދޭތެރެއިން މިފަދައިން އިމިގްރޭޝަނާއި އަދި ފުލުހުންވެސް އޮޕަރޭޝަންތައް ހިންގައި، އެފަދަ ތަންތަން ބަންދުކޮށް އެކަމުގައި އުޅޭ މީހުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެއެވެ.


