ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އެ ކައުންސިލުން ކޯޓަށް ހާޒިރު ނުވާތީ އިއްޔެ ބޭރުކޮށްލައިފިއެވެ.
އެ ދެ ރަށުގެ މައްސަލައިގައި ރައީސް އޮފީހުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެ ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ދެކޭތީ އާއި އަދި އެއީ އެ ގާނޫނުގެ މަގްސަދު ހާސިލް ނުވާ ފަދަ ނިންމުމެއް ކަމަށް ބުނެއެވެ.
ނަމަވެސް އެ މައްސަލަ ބެލުމަށް ކޯޓުން ތާވަލު ކުރުމުން ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވެ، އަދި ވީޑިއޯ ކޮންފަރެންސް ކޮށްވެސް ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވެފައިނުވާއިރު، ހުކުމް އިއްވުމުގެ އަޑުއެހުމެއް ތާވަލުކޮށް ޗިޓް ފޮނުވުމުން ވެސް އެ އަޑުއެހުމުގައި ކައުންސިލުން ބައިވެރިވެފައެއް ނުވެއެވެ.
މީގެއިތުރުން އެ އަޑުއެހުމަށް ކުޑަ ވަގުތުކޮޅަށްވެފައި އޮއްވާ ކައުންސިލް ތަމްސީލުކުރާ ވަކީލު މައްސަލައިން ތަނާޒަލްވާ ކަން ކޯޓަށް އަންގާފައިވެ އެވެ. އެއީ އޭނާ އާއި ކައުންސިލާ ދެމެދު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، ދެން އެ މައްސަލަ ތަމްސީލު ކުރަން ޖެހޭނީ އަލަށް ކައުންސިލުން އައްޔަންކުރަ ވަކީލުން ކަމަށް ދެކޭތީ ކަމަށް އޭނާ ބުނެފައިވެއެވެ.



