ޕްރޮޓީން ޕައުޑާގެ ގޮތުގައި މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 53 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.
ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދު މަޖިލީހުގައި އެމީހުން ބުނެފައިވަނީ މަސްތުވާތަކެތި ކަމަށް ފުލުހުން ތުހުމަތު ކުރާ ތަކެއްޗަކީ މަސްތުވާތަކެތި ނޫން ކަމަށާއި އެއީ ޕްރޮޓީންއެއް ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ކޯޓުން ނިންމާފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި ފުލުހެއްގެ ބަޔާނަށް ބަލާއިރު ތުހުމަތެއް ކުރެވޭ ކަމަށެވެ.
އެމީހުންގެ ބަންދަށް ކޯޓުން ދީފައިވަނީ ފަސް ދުވަހެވެ. އެއީ، އެމީހުން ފިލާފާނެ ކަމުގެ އިހުތިމާލު އޮތުމުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބަންދު އަމުރުގައިވެއެވެ.
ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އަތުލައިގަތް ތަކެތީގައި މަސްތުވާތަކެތި އެކުލެވޭ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެކަން އިތުރަށް ޔަގީން ވާނީ ތަހުލީލު ރިޕޯޓް ލިބުމުން ކަމަށެވެ. އަދި ވަގުތީ ނަތީޖާ ތިން ދުވަސް ތެރޭގައި ލިބޭނެ ކަމަށާއި އަވަސް ތަކެތީގެ ގޮތުގައި ތަހުލީލު ކުރަން ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.




