ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ އައު ފްލެޓްތަކުގެ ފެން މީޓަރުތައް ވެރިފަރާތުގެ ނަންމައްޗަށް ބަދަލުކުރުމަށް ފަހުގައި، މިހާތަނަށް އެއްވެސް ބިލެއް ފޮނުވާފައި ނުވާނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.
ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އަލަށް ހަވާލުކުރި ބައެއް ފްލެޓްތަކުގެ ފެން ބިލު އާދަޔާ ޚިލާފަށް ބޮޑުކަމަށްބުނެ، ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ޙިއްސާކުރަމުންނެވެ. އެގޮތުން 7000 ރުފިޔާ ބިލަށް އަރާފައި އޮތްކަމަށްވެސް އޭގެތެރެއިން އެކަކު ބުނެފައިވެއެވެ.
މި މައްސަލަ އެފްޑީސީއާއި އެމްޑަބްލިޔުއެސްސީން ވެސް އަންނަނީ ގާތުން ބަލަމުންނެވެ.
މިކަމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، އަދި އެއްވެސް ގެއެއްގެ ވެރިފަރާތަކަށް އެމްޑަބްލިއުއެސްސީން ބިލްކޮށް، ބިލް ފޮނުވާފައި ނުވާކަމަށެވެ.
މަތީން ވިދާޅުވީ މިހާތަނަށް 243 ފްލެޓެއްގެ ފެން މީޓަރު، އެފްޑީސީގެ ނަންމަތިން ގޭގޭގެ ވެރިންގެ ނަންމައްޗަށް ބަދަލުކޮށްފައިވާކަމަށެވެ.
މީގެތެރެއިން 59 ފްލެޓެއްގެ ބިލަށް 1000 ރުފިޔާއިން މަތިން އަރާފައިވެއެވެ. އަދި 15 ފްލެޓެއްގެ ބިލް 5000 ރުފިޔާއަށްވުރެ މަތިން އަރައެވެ. މަތީން ވިދާޅުވީ، މިހާތަނަށް ހުރި ބިލުތަކަކީ އެފްޑީސީގެ ނަންމަތީގައި ހުރި ބިލުތައްކަމަށާއި، އެއީ ކުރީގެ ބިލްތަކެއް ކަމަށާއި ގޭގޭގެ ވެރިންގެ ނަންމައްޗަށް ފްލެޓް ބަދަލުކުރި ފަހުން އަރާފައިވާ ބިލްތަކެއް ނޫން ކަމަށެވެ.
މަތީން ވިދާޅުވީ މިހާތަނަށް އެއްވެސް ވެރިފަރާތަކަށް އެމްޑަބްލިއުއެސްސީން ބިލްކޮށްފައި ނުވާނެކަމަށެވެ.
އަދި އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަންގައި މީޓަރު ނަންބަރުޖެހުމުން، ފެންނަނީ ކުރީގެ ބިލްތަކެއްކަމަށެވެ. މިއީ ޓަވަރުތަކުގެ މަސައްކަތްތައް ކުރަމުންދިޔައިރު ބޭނުންކޮށްފައިވާ ފެނަށް އެފްޑީސީން ދައްކަންޖެހޭ ބިލްތަކެއް ކަމުގައި ވެސް މަތީން ވިދާޅުވިއެވެ.


