ރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް، މައުރަޒަކާއެކު މާދަމާ ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން މާދަމާ ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.
މި އަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ މައުރަޒަކާވެސް އެކުގައި ކަމަށާއި މިގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވެ، އެ ކުންފުނިތަކުންދޭ ޚިދުމަތްތަކުގެ މަޢޫލޫމާތު އާއްމުންނާ ޙިއްސާކޮށް އިސްތިހާރުކުރުމަށް ސްޓޯލުތަކެއް އެ މައުރަޒުގައި ބަހައްޓާފައި ހުންނާނެ ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިފަދަ މައުރަޒެއްގެ ބޭނުމަކީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަކީ ނުހަނު މާތް އަޅުކަމަކާ ގުޅުން ހުރި ޚިދުމަތަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލުން ކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ސްޓޯލު ޙަރަކާތްތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް އަދި ހުކުރުދުވަހު ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.
މި ކޮންފަރެންސުގައި ސައުދީ ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ ސައުދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެވެ. ޙައްޖު ޢުމްރާ ކޮންފަރެންސްގައި އެ ބޭފުޅުންގެ ފަރާތުންވެސް ސެޝަން ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ޙައްޖާއި ޢުމްރާގެ ޚިދުމަތާގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، އެކަމާ ގުޅުންހުރި ދީނީ މުހިއްމު މަޢުލޫމާތުތައް ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް މި ކޮންފަރެންސުގެ ތެރެއިން ލިބިގެންދާނެއެވެ. މި ސެޝަންތައް ނަންގަވައިދެއްވާނީ ފުންނާބު އުސް ޢިލްމުވެރިންނާއި، ޚިދުމަތާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.



