ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގައި މިއަދު ބިދޭސީ ޓަިޗަރަކާއި ދަރިވަރަކާ ދެމެދު ހިނގި ތަޅާފޮޅުމުގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވީޑިއޯއިން ބޮޑަށް ފެންނަ ގޮތުގައި، ދަރިވަރު ޓީޗަރު ގައިގައި އެތައް ފަހަރަކު ވަނީ ޖަހާފައެވެ. އަދި ޖަހާ ކޮންމެ ފަހަރަކު، އިތުރަށް ޖެހުނަ ނުދިނުމަށްޓަކައި ޓީޗަރު ދަރިވަރުގެ އަތުގައި ހިފަހައްޓާ ތަނާއި ކޮއްޕާލާތަން ވެސް ފެނެއެވެ. ނަމަވެސް އެފަދައިން ދަރިވަރު ހުއްޓުވުމުން، ކުއްޖާއަށް ކޮންމެވެސް ވަރަކަށް އަނިޔާވާނެ ކަމަށް ވެސް ބެލެވެއެވެ.
އެއްފަހަރު ދަރިވަރު ބިންމަތިން ތެދުވެ، ދަރިވަރު ޓީޗަރުގެ ކޮނޑުގައި ޖަހައެެވެ. ޖެހުމާއެކު ބިދޭސީ ޓީޗަރު، ކުއްޖާގެ ލަފުގައި ހިފައި ދުރަށް ޖައްސައެެވެ. އެއާއެކު އަނެއްކާ ވެސް ފިރިހެން ދަރިވަރު ޓީޗަރު ގައިގައި ޖެހުމާއެކު އޭގެ ރައްދުގައި ބިދޭސީ ޓީޗަރު ވެސް ކުއްޖާ ގައިގައި ބާރަށް އަތްލައި ކޮއްޕާލާ މަންޒަދު ފެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ބެހޭގޮތުން ބުނީ އެ މިނިސްޓްރީގެ ސަމާލުކަމަށް މައްސަލަ އައިސްފައިވާކަމަށެވެ. އަދި އިތުރަށް އެ ކަން ބަަލަމުން އަންނަ ކަމަށާއި، މިހާރު ޓީޗަރު ހުރީ ސަސްޕެންޝަނުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިކަހަލަ ކަންތައްތަކުގައި ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެންހުރި ފިޔަވަޅު އަޅާނެ ކަމަށާއި މިކަން މެދުވެރިވާން ދިމާވި ސަބަބު އަދި ހިނގައިދިޔަ ކަންތަކުގެ ތަފްސީލް ބަލަމުންދާ ކަމުގައި ވެސް މިނިސްޓްރީން ބުންޏެވެ.




