ދިރާގު ޕޭގެ ނަމުގައި އިމްޕަރސަނޭޓްކޮށް ފިޝިންގ ލިންކެއް ދައުރުކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު އެދިއްޖެއެވެ.
އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ދައުރުވާ ފިޝިންގ ލިންކްގައި ”ދިރާގު – އަހަރުގެ އައު ހަދިޔާ“ (30,000 ރުފިޔާ / 50,000 ރުފިޔާ) ސަރވޭއަކާއި ގިފްޓް ބޮކްސް ގޭމެއް މެދުވެރިކޮށް ލިބޭނެ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ މި ވެބްސައިޓްގައި ބޭނުންކޮށްފައި ވަނީ ރަސްމީ ނޫން ޔޫއާރުއެލްތަކެއް ކަމަށާއި (މިސާލަކަށް: adfc.okvov.xyz) ނަމަވެސް ދިރާގުގެ ރަސްމީ ރަސްމީ ވެބްސައިޓްގައި ބޭނުން ކޮށްފައި ވަނީ ”dhiraagu.com.mv“ކަމަށެވެ.
އަދި އިނާމު ހޯދުމަށްޓަކައި 5 ގްރޫޕަކަށް ނުވަތަ 20 ފަރާތަކަށް ލިންކް ފޮނުވުމަށް އެދޭ ކަމަށާއި މި ލިންކްތައް މިގޮތަށް ފެތުރިގެންދާ ކަމަށެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ މި ލިންކްތަކަށް ނުފިތުމަށް އެދި މިފަދައެއްވެސް ކަމެއްގައި ބައިވެނުވުމަށް އެދިފައެވެ.
އަދި މިފަދަ ސުވާލުތަކަށް ޖަވާބު ނުދިނުމަށާއި އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކުރުމަށްވެސް އެންޓި ސްކޭމް ސެންޓަރުން ވަނީ އެދިފައެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރު ކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅައި، ނުވަތަ reportscam@police.gov.mvއަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެކަމަށް ފުލުހުން ބުނެފައި ވެއެވެ.



