އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް)އިން އިސްނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
އެޗްއާރުސީއެމްއިން އެ ހަވީރު ކުރިއަށްގެންގޮސްފައި ކ. ގުރައިދޫގައެވެ.
އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުވައިގެން ބޭއްވި އެ ހަވީރުގައި ގިނަ އަދަދެއްގެ ޢާންމުންނާއި، ކުޑަކުދިން ބައިވެރިވިއެވެ.
އެ ހަވީރުގެ ތެރެއިން އިންސާނީ ޙައްޤުތަކާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް ޙިއްސާކޮށްފައިވެއެވެ.
އޭގެ ތެރޭގައި އިންސާނީ ޙައްޤުތަކަކީ، ކޮބައިކަމާއި ޙައްޤު ނިގުޅައިގަނެވޭ ހާލަތްތަކާއި، އިންސާނީ ޙައްޤު ހިމާޔަތް ކުރެވޭނެ ގޮތްތަކާއި މީގެ އިތުރުންވެސް މަޢުލޫމާތުދިނެވެ.
މީގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުވައިގެން ބޭއްވި ހަވީރުގައި ކުޑަކުދިން ޝައުޤުވެރިވާނެ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގޮތް ފަހިކޮށްދީފައި ހުއްޓެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ތަފާތު ސްޓޯލްތައް ހުރިއިރު، މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ބޮޑުބެރުގެ އެކި ހަރަކާތްތަކާއި، މަޝްހޫރު ކުޑަކުދިންގެ ފިލްމް ކެރެކްޓަރތަކުގެ ހަރަކާތްތައް ދައްކާލާފައިވެއެވެ.
ކޮންމެ އަހަރެއްގައިވެސް ބައިނަލްއަޤުވާމީ އިންސާނީ ޙައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 10 ޑިސެންބަރުގައެވެ.



