ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތާއި، ހަމަހަމަކަން ދެމެހެއްޓުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދާ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި، އިންސާނީ ޙައްޤުތަކަކީ ޞުލްޙަމަސަލަސްކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ބިންގައު ކަމުގައި ވިދާޅުވިއެވެ.
އަދި މި ޙައްޤުތަކަކީ ތަޞައްވުރުގެ ޚިޔާލުތަކެއް ނޫންކަމަށާއި، އެއީ ކޮންމެ ފަރުދަކުވެސް ޤަދަރާއި އުންމީދާއެކު ދިރިއުޅެވޭނެ އަސާސީ ޙިމާޔަތްތަކެއް ކަމުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ.
މިގޮތުން، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، އިޖްތިމާޢީ ރައްކާތެރިކަން ފަދަ އަސާސީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ހަމަހަމަކަން ޤާއިމުކުރުމަށާއި، މުޖުތަމަޢުގައި ނާޒުކު ހާލަތުގައި ތިބި ފަރުދުން ޙިމާޔަތްކުރުމަށާއި، އަސާސީ މިނިވަންކަން ނެގެހެއްޓުމަށް ޤާނޫނީ އަދި މުއައްސަސާތަކުގެ އޮނިގަނޑުތައް ހަރުދަނާ ކުރެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
އެގޮތުން، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައި ޙަރަކާތްތެރިވުމުގެ އިތުރުން، ދިވެހިރާއްޖެއަކީ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޤައުމެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި، ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހަރުދަނާކޮށް، ޙައްޤުތައް ރައްކާތެރިކުރުމުގެ މަޝްވަރާތަކާއި، ނިންމުންތައް ނިންމުމުގައި، ރާއްޖެއިން، ވަކީން ޚާއްޞަކޮށް، އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގައިވެސް ދިވެހިރާއްޖެ، ވަރަށް އިސް ސަފުގައި ހަރަކާތްތެރިވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިކަމުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ރަމްޒުކޮށްދެނީ، އިންސާނީ ޙައްޤުތަކަކީ ސަރަޙައްދީ އިމެއް އެކަމުގައި ނެތް، އަދި އެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ޤައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަމުގައިވެސް އެ މަނިކުފާނުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި، ފަލަސްޠީނުގެ ޙާލަތަށް އަލިއަޅުވާލައްވަމުން، އިންސާނީ ޙައްޤުތަކަކީ ބައިބައި ނުކުރެވޭނެ ޙައްޤުތަކެއް ކަމަށާއި، އިންސާނީ ޙައްޤުތަކަކީ، އެއްވެސް ބައެއްގެ ކިބައިން އެ ޙައްޤުތައް ނިގުޅައިގަނެވިއްޖެ ނަމަ، ބައިނަލްއަޤުވާމި ފެންވަރުގައި އެޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމް ކުރެވޭކަމަށް ބުނެވޭނެ ފުރުޞަތު ނެތް ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ހަމަމިއާއެކު، ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން އަސާސީ ޙައްޤުތައް ނިގުޅައިގަތުމަކީ، އިންސާފާއި އިންސާނީ ކަރާމާތާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމުގައި، ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މި ދުވަހުގެ މުހިއްމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އަދުލުވެރިކަމާއި، ހަމަހަމަކަމާއި، އޯގާތެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހޭލުންތެރިކަން އިތުރުކުރުމަށް، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ، އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައެވެ.



