ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ސްޓެލްކޯގެ މުވައްޒަފު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ނިޔާވެފައިވަނީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ވަޒީފާގައި ހުރި އަހުމަދު އަޒްމީލް، (43އ.) އެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ތައިލެންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިއަދުއެވެ.
އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަހްމަދު އަޒްމީލް ނިޔާވި ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ނުހަނު އަސަރާއި ހިތާމައާއެކު ކަމަށެވެ.
”އެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދެން. އަދި މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަން“ ރައީސް ވިދާޅުވިއެވެ.
ހުޅުމާލޭގެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހިނގި މި ހާދިސާގެ ސަބަބުން، މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް ނުވި، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވެސް އެއިރު ކެނޑުނެވެ.
މި ހާދިސާއާ ގުޅިގެން ސްޓެލްކޯ އިން ކުރިން ބުނެފައިވަނީ އަޒްމީލްގެ ފަރުވާގެ ކަންކަން ވަރަށް ގާތުން ބަލައި އެ ކުންފުނީގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް އާއިލާއާ ގުޅިގެން ދޭނެ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.


