އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ވަސީލަތް ގާއިމް ކުރެވޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމަށް ވިދާޅުވެ ދައުލަތުގެ މީޑިއާއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ މަސްވެރިން ފާހަގަކުރާ އެއް ކަންބޮޑުވުމަކީ ބޮޑު ކަންނެލި ވިއްކުމަށްފަހު ފައިސާ ލިބުން ލަސްވުން ކަމަށެވެ. އެގޮތުން ބޮޑު ކަންނެލި މިހާރު ގަންނަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި މަސް ގަތުމަށްފަހު ބައެއް ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އަދަދު 1.5 މިލިޔަން ރުފިޔާއަށް އަރާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސް ގަތުމަށް ކަމަށާއި އެހެންކަމުން މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި މަސް ޕްރޮސެސިން ފެސިލިޓީއެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށައި މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
”ހުޅުމާލޭ ބަނދަރުން 25 ހާސް އަކަފޫޓު ޖާގަ މިވަނީ ހޯދާފައި. އެޗްޑީސީން ބިން ލިބުނީ އިއްޔެ. އައިއެސްޖީބީއާ މަޝްވަރާކުރީ. ފަންޑު ވެސް ހަމަޖެހުނު. އަވަހަށް ފަށަންވެގެން އަޅުގަނޑުމެން މި ނިންމީ ޕީއެސްއައިޕީ މޮޑެލްއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދަން. ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި އިކޮނޮމިކް ކައުންސިލަށްވާނީ ފޮނުވިފައި. ކަރުދާސް ނިމި ކޮންޓްރެކްޓަރާ އެއްކޮށް ސޮއިކުރުމަށްފަހު ޖެނުއަރީ މަހުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށޭނެ.“ ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް ދެވަނަ ކަންބޮޑުވުމަކީ އަގުހެޔޮކޮށް ތެޔޮ ނުލިބުން ކަމަށެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި ”އެސްޓީއޯ ރޭޓު“ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމަށް ވަސީލަތްތައް ޤާއިމުކޮށް އަންނަ އަހަރުގެ މާރިޗް މަހުގެ ނިޔަލަށް ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”ކޮންމެ އަތޮޅަކުން މަދުވެގެން ކޮންމެވެސް އެއް ރަށަކުން ތެޔޮ ފޯރުކޮށްދޭނެ. މި ސްކިޓްތައް ޤާއިމުކުރޭވޭނެ. ހުރިހާ ބާވަތެއްގެ މަސްވެރިކަންކުރާ ފަރާތްތަކަށް ތެޔޮ ލިބޭނެ ހެޔޮ އަގުގައި.“ މިނިސްޓަރ ވިދާޅުވިއެވެ.




