ބޮޑު ކަންނެލި މަސްވެެރިން މާލެ ސަރަހައްދުގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން، މަސް ދޯންޏަކަށް ފުލުހުން އަރައި އެތަނުގައިހުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިކަމާބެހޭގޮތުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ފުލުހުން ދޯނި ފަހަރަށް އަރައި، ސުލްހަވެރިކަމާއެކު ހައްގު ހޯދަން މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަޅުވެރިން ހައްޔަރުކުރަމުން ދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން މަސްވެރިންނާއެކު ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ވެސް އެ ޔޫނިއަނުން ވަނީ ގޮވާލާފައެވެ.
ނަމަވެސް ފުލުހުން އެ ބިދޭސީ މީހާ ހައްޔަރު ކުރީ ސީދާ ކޮން ސަބަބަކާހެދި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
މި މުޒާހަރާގައި ގާތްގަނޑަކަށް 60 މަސް އޮޑި ބައިވެރިވާއިރު، މަސްވެރިން ސަރުކާރަށް ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެކެވެ.
އެއީ ސަރުކާރުން ވައުދުވީ ގޮތަށް ކަންނެލި ގަންނަން ފެށުމާއި، ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުމުގެ އިތުރުން ހެޔޮ އަގުގައި ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ މި އިހުތިޖާޖަކީ މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ހޯދުމަށް ސަރުކާރުން ވީ ވައުދު ފުއްދައިދިނުމަށް އެދި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރުންވީ ހުރިހާ ވައުދެއްވެސް ފުއްދަވާނެ ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއްވެސް ވަރަށް އަވަހަށް ގެނެސްދެއްވާނެ ކަމަށެވެ.




