ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) އިން އަލިޕޭ+ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ އެކު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގައި ފޯރުކޮށްދޭ ”ޕޭމަންޓް ސޮލިއުޝަންތައް“ އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ ޓޫރިޒަމްގެ އިންޑަސްޓްރީ އިޝްތިހާރުކޮށް، ކުރިއެރުވުމަށް ބީއެމްއެލް އިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސޮއިކުރި ދެ އެއްބަސްވުމެކެވެ.
އެގޮތުން މި އެއްބަސްވުމަކީ 2026 ވަނަ އަހަރުން ފެށިގެން ކޯ-ބްރޭންޑެޑް ޓޫރިޒަމް ކެމްޕޭނުތައް ފެށުމަށް އެޅި މުހިންމު އެއް ބިންގާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ޓްރައިޕާޓީ އެއްބަސްވުމުގެ ދަށުން، އޭޝިއާގެ މާކެޓްތަކުގައި އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ އަށް ހެދުމަށް މަސައްކަތް ކުރުމާއި ވިޔަފާރިތަކަށް ފައިސާ ބަލައިގަތުމަށް ފަސޭހަ ކޮށްދިނުމާއި މި މަންޒިލްތަކުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލް އާއި އަލިޕޭ+ އާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ރާއްޖޭގައި އީޖާދީ އަދި ރައްކާތެރި ޕޭމަންޓް ސޮލިއުޝަންސް ތައާރަފްކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށް ވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ހިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗާތައް ހިމަނަން ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އިން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އަލިޕޭ+ އާއި ވިޒިޓް މޯލްޑިވްސްއާ އެކު ސޮއިކުރި ސްޓްރެޓީޖިކް އެއްބަސްބުންތަކަކީ، ރާއްޖޭގެ ޑިޖިޓަލް އިކޯސިސްޓަމް ވަރުގަދަކޮށް، މުޅި ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރު ކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.


