މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީގައި މިދިޔަ އަހަރު ރޯވެ، ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލިބު ގެއްލުންތަކާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން ޑޮލަރުގެ އެހީގެ ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
އެ ހާދިސާގައި، ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި އެއިރު ދެން ހިންގި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ޖެހިގެން ހުރި ގްރީން ބިލްޑިންގްގައި ހިންގި އެންވަޔަރުމެންޓް މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.
އެހެންކަމުން އެ ތިން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް، މިހާރު މަސައްކަތް ކުރަނީ އެތަނުގައެވެ.
އެ އަލިފާނުގައި ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަންނަން ޗައިނާ ސަރުކާރުން މިއަދު ރާއްޖެ އަށް ހަދިޔާކުރި އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އޮފީސްތަކަށް ކޮންމެހެން ބޭނުންވާ ސާމާނާއި ފަރުނީޗަރު ފަދަ ތަކެއްޗެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެހީގެ ލިޔުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިއަންވާ އެވެ. ދިވެހި ސަރުކާރުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.




