ތުއްތު ކުދިންގެ ދިވެހި ބަހުގެ ހުނަރު ތަރައްޤީކުރުމަށް ނެޝަނަލް އަރލީ ލާރނިން ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ.
އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މުޖްތަމައުގެ އަބަދުވެސް ދެކޭވޭ އެއްވާހަކައަކީ ތުއްތު ކުދިންގެ ދިވެހިބަހުން ވާހަކަދެއްކުމުގެ ހުނަރު އަދި ކިޔުމުގެ ހުނަރު ދައްވަމުންދާ ވާހަކަ ކަމަށެވެ.
އަދި ހިތާމައަކީ ތުއްތު ކުދިންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމަށް އެކަށީގެންވާ ގޮތެއްގައި އިންވެސްޓުކޮށްފައިވާލެއް މަދުވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާކެޓުގައި ތުއްތު ކުދިންނަށް ބޭނުންވާ ފޮތާއި ބަލާލުމަށް ޚާއްސަ ފިލްމުތަކާއި އަދި އަޑު އަހާލަން ރަނގަޅު އޯޑިއޯ ފޮތްތައް ލިބެން ނެތްކަަމަށެވެ.
އެހެންކަމުން ތުއްތު ކުދިންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރެވޭނީ އެކުދިންނަށް ބޭނުންވާ ދިވެހި އުނގަންނައިދިނުމުގެ ވަސީލައްތައް ތަރައްޤީކޮށްގެން ކަމަށާއި، ލޭންގުއޭޖް ޑިވްލޮޕްމަންޓުގެ އެކި ފޭސްތަކަށް ބަލާއިރުގައި އެންމެ މުހިންމު އެއް އުމުރުފުރާއަކީ ޕްރައިމަރީ އުމުރުފުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކުދިންނަށް ބޭނުންވާ ފޮތް ފަދަތަކެތި މާކެޓުގައި ބޭނުންވާވަރަށް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޕަރޭޓިވް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ޕްރޮގްރާމަކީ ބޯއިންގްގެ އެހީތެރިކަމާއެކު ރޫމްޓުރީޑްއިން، ދިވެހިރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިގޮތުން މި ޕްރޮގްރާމްގެ ދަށުން ދިވެހި ބަހުން ކިޔެވުމާއި ޕްރައިމަރީ ތައުލީމު ހަރުދަނާކުރުމަށް ކުޑަކުދިންގެ 15 ފޮތެއް ލޯންޗުކޮށް ޕްރިންޓްކޮށް، ޑިޖިޓައިޒްކޮށް ގައުމީ ފެންވަރުގައި ހުރިހާ ޕްރައިމަރީ ސްކޫލްތަކަށް ވަނީ ބަހާފައެވެ.




