އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދިޔަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެ ކޮންފަރެންސް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 ޖެހުމާ ހަމައަށެވެ.
މި އަހަރުގެ ކޮންފަރެންސްގައި 100އަށްވުރެ ގިނަ ފަރާތާކުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތް ދޭ ކުންފުނިތައް ހިމެނެއެވެ.
އަދި ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި ސަޢޫދީ ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް އެ ކޮންފަރެންސްގައި ބައިވެރިވެފައިވެއެވެ.
މި އަހަރުގެ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި މުހިންމު މަޢުޟޫތަކަށްވަނީ ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސްފައެވެ.
އެގޮތުން ދީނީ ގޮތުން ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކާމާއި، އަޅުކަން އަދާކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނަގަޅުކުރުމާގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ވާހަކަދައްކަވާފައެވެ.
މި ކޮންފަރެންސްގެ ތެރެއިން، ޙައްޖުވެރިން ޞިއްޙީ ގޮތުން ވިސްނަންވީ މުހިންމު ކަންކަމުގެ މައްޗަށްވެސް ވަނީ އަލި އަޅުއްވާލައްވާފައެވެ.
ޙައްޖު ޢުމްރާ ކޮންފަރެންސްއަކީ ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމާއި މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް މިނިސްޓްެރީން ބާއްވާ ދެވަނަ ކޮންފަރެންސްއެވެ. މި އަހަރުގެ ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް އެގްޒިބިޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އެގްޒިބިޝަން މިއަދު ހަވީރު ކުރިއަށްގެންގޮސްފައިވާއިރު، ހުކުރު ދުވަހު (މާދަމާ) ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކުރިއަށްގެންދާނެއެވެ.
މި އަހަރުގެ އެގްޒިބިޝަންގައިވެސް މުހިއްމު މަޢުޟޫއުތަކަކަށް ޕެނަލް ޑިސްކަޝަންސް ބާއްވާނެއެވެ.
މީގޮތުން ”ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކަން: ޚިދުމަތުގެ ފެންވަރު“ މި މަޢުޟޫއަށް އިސްލާމިކް މިނިސްޓްރީން ވާހަކަދެއްކުން އޮންނާނެއެވެ.


