ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލި ސުލްހައިގެ ޕްލޭންގެ އެންމެފަހުގެ ޑްރާފްޓް އެމެރިކާއަށް ފޮނުވާފައިވާކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ، ކީވް އިން ޔުކްރެއިން އަދި ރަޝިޔާ ހަނގުރާމައިގެ ސުލްހައިގެ ޕްލޭންގެ އަޕްޑޭޓް ވާޝަނެއް އެމެރިކާއަށް ދީފައިވާ ކަމަށެވެ. އަދި ޓްރަމްޕްގެ ސަރުކާރުން އެ ޕްލޭންގެ ހާލަތު ފުރިހަމައަށް ދެނެގަތުމަށް ބޭނުންވާކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވަނީ ސަރަހައްދީ މައްސަލަތަކަށް ހައްލެއް ނުލިބި ނުތަނަވަސްކަން އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
”ރަޝިޔާ މީހުން ބޭނުންވަނީ މުޅި ޑޮންބާސް، އެކަމަކު އަހަރެމެން އެކަން ގަބޫލެއް ނުކުރަން،“ އޭނާ ވިދާޅުވި އެވެ. ރަޝިޔާއިން ދަނީ 2014 ވަނަ އަހަރުން ފެށިގެން ޑޮނެސްކް އާއި ލުހާންސްކް ސަރަޙައްދުގެ ޑޮންބާސް ސަރަޙައްދުގައި ހަނގުރާމަ ކުރަމުންނެވެ.
ރަޝިޔާއިން މިހާރު މަސައްކަތް ކުރަމުން ދަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ކާމިޔާބު ނުކުރެވި އޮތް ކަންކަން އެމެރިކާގެ ސުލްހައިގެ މަޝްވަރާތަކުގެ ތެރެއިން ހާސިލް ކުރުމަށެވެ. ޔޫކްރެއިންގެ ވިހި އިންސައްތަ މިހާރުވެސް ރަޝިޔާގެ ބާރުގެ ދަށުގައި ވާއިރު އެމެރިކާ މެދުވެރިވެ ހަނގުރާމަ ހުއްޓާލަން އެކުލަވާލި ޕްލޭންގެ ދަށުން ރަޝިޔާއިން ބޭނުންވާ ޔޫކްރެއިންގެ ސަރަހައްދުތަކަކީ ޔޫކްރެއިންގެ ސިނާއީ މައި މަރުކަޒުތައް ހުރި ސަރަހައްދުތައް ކަމަށްވާ ކްރީމިއާގެ އިތުރުން ޑޮނާސްކް އާއި ލުގާންސްކް އަދި ޒަޕޯރިންޒިއާ އާއި ޑޮންބަސްގެ ސަރަހައްދެވެ.



