ތައިލެންޑުގެ ޤާނޫނުހަދާ މަޖިލިސް އުވާލައި އަލުން އިންތިޚާބު ބޭއްވުމަށް ނިންމާފައިވާ ކަން އެ ޤައުމުގެ ބޮޑުވަޒީރު، އަނުތިން ޗާންވިރަކުލްއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ތައިލެންޑްގެ ޤާނޫނުހަދާ މަޖިލިސް އުވައިލުމަށް ނިންމާފައި ވަނީ އިދިކޮޅު ސިޔާސީ ޕާޓީ ޕީޕަލްސް ޕާޓީން ބޮޑުވަޒީރު ޗާންވިރަކުލްގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެކަން ހާމަކޮށްފައި ވާތީއެވެ.
އެގޮތުން އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތައިލެންޑްގެ ޕާލަމެންޓުގެ އާ ދައުރުގެ ކުރިން އަނޫތިން ޗާންވިރަކުލްގެ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އަނޫތިން އާއި އޭނާގެ ބުމްޖައިތައީ ޕާޓީއަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކުގެ ތެރޭގައި ތައިލެންޑުގެ ދެކުނުގައި މިދިޔަ ނޮވެމްބަރުން ފެށިގެން ފެންބޮޑުވުމުގެ މައްސަލަ ހައްލު ނުކުރެވި އޮތުންވެސް ހިމެނެއެވެ.
ތައިލެންޑުގެ ގާނޫނު ބުނާ ގޮތުން ގާނޫނު ހަދާ މަޖިލިސް އުވާލާތާ 45 ދުވަހާއި 60 ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބާއްވަން ޖެހޭނެއެވެ. ތައިލެންޑުގެ ޤަނޫނުހަދާ މަޖިލީސް އުވާލުމަށް ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބާރު އަނބުރާ ރައްދުކުުރުމަށް ނިންނި ނިންމުމެއް ކަމަށް ބޮޑުވަޒީރު ޗާންވިރަކުލް ވަނީ ވިދާޅުވެފައެވެ.
ތައިލެންޑުގެ ޤާނޫނުހަދާ މަޖިލިސް އުވާލައި އަލުން އިންތިޚާބު ބޭއްވުމަށް ނިންމާފައި މިވަނީ ތައިލެންޑާއި ކެމްބޯޑިއާ ސިފައިން ބޯޑަރު ސަރަހައްދުގައި ކުރިމަތިލުންތައް ހިންގަމުން އަންނަ ނާޒުކު ދަނޑިވަޅެއްގައެވެ.
އަނުތިން ޗާންވިރަކުލް ބޮޑުވަޒީރުކަމަށް ވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އަނޫތިން އިންތިހާބުވީ ތައިލެންޑްގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕަލްސް ޕާޓީގެ ތާއީދާއެކުއެވެ. އަނޫތިން ވަނީ ޕީޕަލްސް ޕާޓީއާ އެކު އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން އަނޫތިން ހުވާ ކުރާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕާލަމެންޓް އުވާލައި، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ބާއްވައި، ބޯޑަރު މައްސަލަ ހައްލު ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.




