އިސްލާމްދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީން ކަމަށާއި މަސައްކަތް ކުރުމަށާއި، އުފެއްދުންތެރިކަމަށް ގޮވައިލާ ދީން ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ.
”މަސައްކަތްތެރި އުފެއްދުންތެރި ބަޔަކަށް ވާށެވެ!“ މި މައުޟޫޢުގައި މިއަދު ދިން ހުކުރު ހުޠުބާގައި ބުނީ އިސްލާމްދީނަކީ، ދުނިޔެއާއި އާޚިރަތުގެ ދީން ކަމަށާއި މަސައްކަތް ކުރުމަށާއި އުފެއްދުންތެރިކަމަށް އެ ދީން ގޮވައިލާ ކަމަށެވެ.
އިންސާނުން ދިރިއުޅުމަށްޓަކައި، ދުނިޔެ ޢިމާރާތްކޮށް އާރާސްތުކުރުމަކީ، އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށާއި އިންސާނުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ، ކޮންމެވެސް އެއް ބަޔަކު ކުރާންޖެހޭނޭ ކަމެއް ކަމަށް މިއަދު ހުތުބާގައި ބުނެފައި ވެއެވެ.
”ފަހެ، ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيبލިބުމަށް ޓަކައެވެ.“ މަސައްކަތްކުރުމަށް ގޮވައިލައްވައި، މާތް ﷲ ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމް ދީނުގައި، ހުއްދަކުރައްވައިފައި ވަނީ، ޙަލާލު ގޮތުގައި އާމްދަނީ ހޯދުމަށް ކަމަށާއި ރިބާއާއި ޖުވާގެ މުޢާމަލާތްތައް ވަނީ، ޙަރާމްކުރައްވައިފައި ކަމަށެވެ.
”އިސްލާމްދީނުގައި، ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަށް އަންގަވައިފައިވުމުން، މުސްލިމުންނަކީ އިޤުތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ވާންޖެހޭ.. އެ ފަދަ ބަޔަކަށް ވެވޭނީ، އެއުރެންނީ މަސައްކަތް ދަންނަ، މަސައްކަތްކޮށްގެން ތަކެތި އުފައްދާ ބަޔަކަށް ވެގެން.“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ދަނޑުގޮވާންކުރުމާއި، މަހަށްފަރަށް ދިއުމާއި ދިރިއުޅުމަށްޓަކައި މަސައްކަތްކުރުމަކީ، ދަށުދަރަޖައިގެ ކަމެއް ނޫން ކަމަށެވެ. އެހެނީ މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް ބަޔަކީ ރަސޫލުންނާއި ނަބީން ކަމަށާއި އެ ބޭބޭކަލުންވެސް، މަސައްކަތް ކުރެއްވި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ، وَإِنَّ نَبِيَّ اللهِ دَاوُدَ عَلَيْهِ السَّلَامُ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ) މާނައީ: މީހެއްގެ އަމިއްލަ އަތުންކުރާ މަސައްކަތުން ހޯދާ އެއްޗަކަށް ވުރެ، ހެޔޮ އެއްޗެއް، އޭނާއެއް ނުކައެވެ. ހަމަކަށަވަރުން ﷲގެ ނަބިއްޔާ دَاوُدُ عَلَيْهِ السَّلَام ފަރީއްކުޅުއްވައި އުޅުއްވީ، އެ ކަލޭގެފާނު އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުންނެވެ.“ ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”ކީރިތި ރަސޫލާ ވިޔަފާރިކުރެއްވުމަށް ޝާމުކަރައަށް ވަޑައިގަތެވެ. زَكَرِيَّا عَلَيْهِ السَّلَامއާއި نُوحُ عَلَيْهِ السَّلَام ވަޑާމުގެ މަސައްކަތްކުރެއްވިއެވެ. دَاوُدُ عَلَيْهِ السَّلَام ކަނބުރުކަންކުރެއްވިއެވެ. ހަނގުރާމަތަކުގައި ބޭނުންކުރާ ދަގަނޑުދަހަނާ އުފެއްދެވިއެވެ. عِيْسَى عَلَيْهِ السَّلَام، ބޭސްވެރިކަން ކުރެއްވިއެވެ. يُوْسُفُ عَلَيْهِ السَّلَام، އިޤްތިޞާދުގެ ޢިލްމު މޮޅަށް ދެނެވަޑައިގެން ހުންނެވިއެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމް ދީނަކީ، އެ ދީނުގެ އަހުލުވެރީން ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށްޓަކައި، މަސައްކަތްކުރަން އަންގަވާ ދީން ކަމަށާއި އެ ކަމުގައި މުސްލިމުން ލަދުވެތިވެގެން ނުވާނެ ކަމަށެވެ.
ނަމަވެސް މިއަދު ބައެއް ދިވެހީން ކަންނެތްވެ، މަސައްކަތާ ދުރުވެއްޖެ ކަމަށާއި އިޤްތިޞާދީ ކަންކަމުގައި ބިދޭސީ އަތްތަކަށް ބަރޯސާވާން ފަށާފައިވާ ކަމަށާއި މިއަދު މަހަށް ފުރާނެ ދިވެހި ފަޅުވެރިއަކު ނުވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
މުސްލިމުންނަކީ، މާތް الله އެބައިމީހުން މި ބިންމަތީގައި ބާރުވެރިކުރައްވައިފި ނަމަ، ނަމާދުޤާއިމުކޮށް، އަމުރުމަޢުރޫފު ހިންގާން ޖެހޭ ބަޔެއް ކަމަށާއި މިނިވަން ވެރިކަމެއް ކުރާން ޖެހޭ ބަޔެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މި ކަންކަން ކުރެވޭނީ މުސްލިމުންނަކީ ބާރުވެރި މިނިވަން ބަޔަކަށް ވެގެން ކަމަށާއި ފުދުންތެރި އިޤްތިޞާދެއް އޮތް ސަރަހައްދު ޙިމާޔަތްކުރެވޭ ފަދަ ވަސީލަތްތަކެއް ހުރި ބަޔަކަށް ވެގެން ކަމަށެވެ.




