ހަމައެކަނި ގެސްޓުންގެ އަތުން ލިބުނު ޓިޕްސުން މީހަކު 10 ލައްކަ ރުޕީސްގެ ކާރެއް ގަނެފިއެވެ.
ގެސްޓުންގެ އަތުން ލިބުނު ޓިޕްސް ބޭނުންކޮށްގެން ކާރެއް ގަނެފައި ވަނީ އިޓަލީގެ ކްރޫޒް ޝިޕެއްގައި ބަޓްލަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިންޑިއާގެ މަހާރާޝްތުރާގެ މަތެރަން އަށް ނިސްބަތްވާ ޕްރަވީން ޖޯޝީލްކަރް އެވެ.
މިކަންހާމަކޮށް އިންސްޓަގްރާމްގައި އޭނާ ހިއްސާކުރި ޕޯސްޓަކަށް ވަނީ ގިނަބަޔެއްގެ ސަމާލުކަން ލިބިފައެވެ.
އެ ޕޯސްޓުގައި އޭނާގެ އާ ކާރު ކައިރީގައި ހުއްޓި ހުންނަ ފޮޓޯ ހިއްސާކޮށްފައި ވެެެެއެވެ.

”ކްރޫޒް ޝިޕެއްގައި މަސައްކަތް ކުރާއިރު ޓިޕްސް މެދުވެރިކޮށް ހުރިހާ އެއްޗެއް ގަނެވޭނެ. މުސާރައަކީ މުސްތަގުބަލަށް ސޭވިންގްސް ބްރޯ،“ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގެ ކެޕްޝަންގައި އޭނާ ލިޔެފައިވެ އެވެ.
އެ ޕޯސްޓުގައި އޭނާ ބުނީ 10 ލައްކަ ރުޕީސްގެ ކާރެއް ގަނެފައި ވަނީ ހަމައެކަނި ޔޫރަޕާއި އެމެރިކާގެ ގެސްޓުންގެ އަތުން ލިބުނު ކޭޝް ޓިޕްސް ބޭނުންކޮށްގެން ކަމަށެވެ.
އަދި މުސާރައަކީ މުސްތަގުބަލަށް އެއްކުރާ ސޭވިންގްސް ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ވަޒީފާގައި އޭނާއަށް ލިބޭ ޓިޕްސްތަކުން ދިރިއުޅުމުގެ ހަރަދުތައް ކަވަރު ކުރާ ކަމަށާއި ޓިޕްސް ދިން ގެސްޓުންނަށް ޝުކުރު އަދާ ކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.
އޭނާގެ ޕޯސްޓް ވައިރަލް ވުމުން ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިޔައި ކްރޫޒް އިންޑަސްޓްރީގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ.
ޖޯޝީލްކަރް ގްރެޖުއޭޓް ވެފައިވަނީ އިންސްޓިޓިއުޓް އޮފް ހޮޓެލް މެނޭޖްމަންޓް، ކޭޓަރިން ޓެކްނޮލޮޖީ އެންޑް އެޕްލައިޑް ނިއުޓްރިޝަން އިންނެވެ. ދުވާލުގެ ވަގުތުތަކުގައި އޭނާ މަސައްކަތް ކުރަނީ އިޓަލީގެ ކްރޫޒް ކުންފުންޏެއްގެ ބަޓްލަރެއްގެ ގޮތުގަ އެވެ.




