ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާ ޚިލާފަށް ހިންގަމުން ދިޔަ އިތުރު ދެ ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިކޮޮނޮމިކް މިނިސްޓްރީއާ ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ މާލޭގެ 8 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ނޯޓިސްއާއެކު 2 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ނޮވެންބަރު 27 ގައި ކުރި އިޢުލާނާ ގުޅިގެން، ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ނޭޝަނަލް ޓާސްކްފޯހުން ވިޔަފާރިތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ދެމެދު 3333199 އަށް ގުޅައިގެން ނުވަތަ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓުކުރެވޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.




