ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) އަށް ދުބާއީއިން އައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އެއާރލައިނެއް ކަމުގައިވާ، ފްލައި ދުބާއީގެ ފްލައިޓުގައި ޕައިލެޓުންނަށް ތިބީ ދެ ދިވެހިންނެވެ.
އެ ދެ ޕައިލެޓުންނަކީ، ކެޕްޓަން ޖިނާން ޝަރީފާއި، ފަސްޓް އޮފިސަރ، މުޙައްމަދު ޝިނާޒެވެ.
ދިވެހި ދެ ޕައިލެޓުންނާއެކު އެ ފްލައިޓް އިއްޔެ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މިކަންފާހަގަކޮށް ފޭސްބުކްގައި އޭވިއޭޓާސް މޯލްޑިވްސްގެ ނަމުގައި ހިންގާ ޕޭޖުގައި އެ ދެ ޕައިލެޓުންނަށް މަރުހަބާކިޔާ މަންޒަރު ފެންނަ ފޮޓޯއަކާއެކު އެ ދެ ޕައިލެޓުންގެ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ބުނީ މިއީ ވައިގެ ދަތުރުފަތުރުގައި ދިވެހި ޕައިލެޓުންގެ ދައުރު އިތުރުވަމުންދާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށާއި މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ވަގުތަކީ ރާއްޖޭގެ އޭވިއޭޝަން ކޮމިއުނިޓީއަށް ފަޚުރުވެރި ވަގުތުކޮޅެއްގެ ގޮތުގައި އޭވިއޭޓާސް މޯލްޑިވްސް އިން ވަނީ ސިފަކޮށްފައެވެ.
ބައިނަލްއަޤްވާމީ އެއާލައިނެއްގެ ފްލައިޓެއްގައި ރާއްޖޭގެ ދެ ޕައިލެޓުން ތިބުމަކީ އޭވިއޭޝަން ދާއިރާގައި ދިވެހީންގެ ދައުރު އިތުރުވަމުން އަންނަ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށާއި މިއީ ދިވެހިންނަށް ލިބުނު ޝަރަފެއް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ދިވެހިން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ހުނަރާއި ޕްރޮފެޝަނަލްކަން ރަމްޒުކޮށްދޭ ކަމަށް ބައެއް ދިވެހިން ވަނީ ފާހަގަކޮށްފައެވެ.



