ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 787 އުޅަނދު ޓޯކޮށްފިއެވެ.
އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ 07:00 އިން މި މަހުގެ 11 ވަނަ ދުވަހުގެ 20:00 އާ ހަމައަށެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމަށް ކުރި މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގައި ހުޅުމާލެ ފޭސް 1 އަދި 2 އިން ޖުމްލަ 787 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެެއެވެ.
ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދާއި ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑުނެތި މަގުމަތީގައި ހުރި 186 އުޅަނދާއި މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދު ހިނެއެވެ.
އެގޮތުން މިމަހު 6 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ 20:00 އަށް ކުރިއަށް ގެންދިޔަ އެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ މަސައްކަތުގައި ބައިވެރިވި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
”މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވޭ.“ ފުލުހުން ބުނެފައި ވެެއެވެ.
އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



