ޤާނޫނާ ހިލާފަށް ޕެސްޓިސައިޑު ބޭނުންކުރާނަމަ ރިޕޯޓްކުރަން އަންގައިފިއެވެ.
ދަނޑުވެރިކަމާއި ބެހޭ މިނިސްޓްރީން ބުނީ ދިވެހިރާއްޖެއަށް އެތެރެކޮށް ޕެސްޓިސައިޑަށް ހުއްދަ ދެމުން ގެންދަނީ، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން ޚާއްޞަ ހުއްދައެއްގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސުން ކަމަށާއި އެ މިނިސްޓްރީން ހުއްދަ ދޭއިރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިޢުތިރާޒެއްނެތްކަން ކަށަވަރުކުރާ ކަމަށެވެ.
އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީއެއް ހެދުމަށްފަހު އެ މިނިސްޓްރީން ވާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ރަޖިސްޓަރީ އެކުލަވައިލުމުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ޓޮކްސިޓީ ކިލާހުގައި ހިމެނޭ އެލްއޭ އަދި އެލްބީގެ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް ހިމަނާފައިނުވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެއިތުރުން، ސިއްހަތާ ބެހޭ ޖަމިއްޔާގެ ޓޮކްސިޓީ ކިލާސް ދޭއް ގައި ހިމެނޭ ގިނަ ޢަދަދެއްގެ ޕެސްޓިސައިޑުގެ އިތުރުން ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް 3 ގައި ހިމެނޭ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވާނެ ކަމަށާއި މަސްމަހާމެއްސަށާއި، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވާ ކަމަށެވެ.
މީގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގިނަ ޢަދަދެއްގެ ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި (ނެޗްރަލް އެނެމީސް) ހިމެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
”ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި، އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑު ބޭނުންކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވޭ.“މިނިސްޓްރީން ބުނެފައި ވެެއެވެ.
އަދި ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑުގެ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑު ގަނެ، އެބޭނުންކުރާ ފަރާތްތައް ހޭލުންތެރިވުމަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ގަވާއިދުގައި ޕެސްޓިސައިޑު ވިއްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވެއެވެ.
އަދި ވިއްކާ ކޮންމެ ޕެސްޓިސައިޑަކާ ބެހޭގޮތުން މިނިސްޓްރީން ޢާއްމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުން މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ޕެސްޓިސައިޑު ގަންނަ ފަރާތްތަކަށް ގަންނަ ކޮންމެ ޕެސްޓިސައިޑަކާއެކު މަޢުލޫމާތު ކަރުދާސް ފޯރުކޮށްދިނުމަށްވެސް އެގަވާއިދުގައި ލާޒިމުކޮށްފައިވެއެވެ.
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއް ކަމަށާއި އެފަދަ ކުށްތަކަށް ޤާނޫނުގައި ވަނީ އަދަބު ކަނޑައެޅިފައި ކަމަށާއި މިޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަން ރިޕޯޓުކުރުންވެސް އެ ޤާނޫނުގެ ދަށުން ލާޒިމުކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.



