އިންޑިއާގެ ބެންގަލޫރުގައި އޮޓޯ ދުއްވާ ޑްރައިވަރަކު، އަންހެން ފަސިންޖަރުންނަށް ރައްކާތެރިކަން ދޭނެކަމަށް ބުނެ ކޮށްފައިވާ ކަމަކަށް އެންމެންގެ ނަޒަރު ހުއްޓިއްޖެއެވެ.
ބެންގަލޫރުގެ މަގުތައް އެންމެ ޕީކަށް އަރާ އެއް ވަގުތު ކަމަށްވާ މެންދަމު 12 ޖެހިއިރު، އެ މީހާގެ އޮޓޯއަށް އެރި އަންހެނަކު ވަނީ އެ ޑްރައިވަރުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް ވީޑިއޯއެއް ޕޯސްޓު ކޮށްފައެވެ.
”ގަޑިން މިހާރު ދަންވަރު 12 ޖެހީ. ގެއަށް ދާން އަހަރެން މި ދަތުރު ކުރަނީ ރެޕިޑޯ އޮޓޯއެއްގަ. މިގަޑީގައި އޮޓޯއެއްގައި ދާން ހަގީގަތުގައި އަހަރެން ޖެހިލުންވި. އެކަމަކު މި އޮޓޯގައި އިން ނޯޓެއް ކިޔާލުމަށްފަހު، މިހާރު އަހަންނަށް ރައްކާތެރިކަމުގެ އިހުސާސް ކުރެވެން ފަށައިފި“ އެ އަންހެން މީހާ ކުރި ވީޑިއޯގައި ބުނެފައިވެއެވެ.
ދެން އޭނާ ދައްކާލީ ޑްރައިވަރުގެ ސީޓު ފަހަތުގައި ހަރުކޮށްފައި އިން ނޯޓެވެ. އޭގައި ބުނެފައިވަނީ ”އަހަންނަކީ ވެސް ބައްޕައެއް އަދި ބޭބެއެއް. އެހެންވީމަ ތިޔަ ފަރާތުގެ ރައްކާތެރިކަން އަހަންނަށް މުހިންމު. ހާސްނުވެ، ދަތުރު ނިމެންދެން އަރާމުކޮށްލާ“ އެ ނޯޓުގައި ލިޔެފައިވެއެވެ.
މި ވީޑިއޯއަށާއި އެ ޑްރައިވަރަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އަދި ބެންގަލޫރަކީ އިންޑިއާގައި ހުރި އެންމެ ރައްކާތެރި ސިޓީ ކަމުގައި ވެސް ބައެއް މީހުން ބުނެފައިވެއެވެ. އެހެންމީހަކު ބުނެފައިވަނީ އެ ޑްރައިވަރުގެ މަސައްކަތުގެ އަގުވަޒަންކޮށް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން މެޑަލްއެއްފަދަ އެއްޗެއް ދިނުންވެސް ހައްގު ކަމަށެވެ.




