ރ. ދުވާފަރަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކި އެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



