ދިވެހިރާއްޖޭގެ ”5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރ. ދުވާފަރުގައި ދިވެހި ރުއް އިންދަވައިދެއްވައިފިއެވެ.
ރައީސްގެ ދެކަނބަލުން، ދުވާފަރުގައި ދިވެހި ރުކުގެ 2 ރުއް އިންދަވައިދެއްވީ، އެ ދެކަނބަލުން މިވަގުތު އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނުއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅަށް ވާއިރު، މި ވަޢުދުފުޅުގައި ޙަޤީޤީ ކުލަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ޤައުމީ ފެންވަރުގައި ގިނަ ކުންފުނިތަކަކުން ވެސް ގެންދަވަނީ ކުރައްވަމުންނެވެ.
މި ޕްރޮގްރާމްގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ރާއްޖޭގެ މާހައުލީނިޒާމުތައް ހިމާޔަތްކޮށް، ދެމެހެއްޓުމަށާއި، މިހާރުގެ ޖީލަށާއި އަންނާންއޮތް ޖީލުތަކަށް މި ޤައުމުގެ ވެށީގެ ރީތިކަމާއި މުއްސަނދިކަން ފޯރުކޮށްދިނުމަށް އެހީވެދޭނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް، އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމެނޭހެން 967،431 ގަސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އިންދާފައެވެ.



