ރ. ދުވާފަރުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި ސެންޓަރު ހުޅުވުމަށް މިއަދު އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ލޯކަލް ގަވަމަންޓް އެންޑް ސިޓީސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
މި މަޝްރޫޢު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ. ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ނިމޭއިރު ދުވާފަރަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.



