މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ އަޑު އައްސަވައި، މަސްވެރިންނަށް ކޮށްދެއްވަން ނިންމާފައިވާ ބައެއް ކަންކަން ލަސްވާ ސަބަބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކިޔައިދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިކަންކަން ކިޔައިދެއްވީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ޚާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރ. ދުވާފަރަށް މިއަދު ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ދުވާފަރަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ގޮތަށް ފައްޓަވަން ނުވަތަ ނަމަކަށް އިއުލާންކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
އެގޮތުން ބައެއް ކަންކަން ލަސްވަނީ އިގުތިސާދު ކުރިއަަރައިގެން ދާނެ ގޮތަކަށް ވިސްނައިގެން ކުރަންޖެހޭ ކަންކަން ކަމަށް ވާތީ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑު ބޭނުންވަނީ ހަގީގީ މާނައިގައި މި އިންޑަސްޓްރީ އަށް ކުރިއެރުން ލިބިގެންދާން. މަސްވެރިންގެ ކަންބޮޑުވުންތައް އެކިއެކި ފޯރަމްތަކުގައި ވަނީ އަޑު އިވިފަ، އެކަންކަމަށް އީޖާބީ ހައްލުތަކެއް ގެނެސް ދެއްވާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މަސްވެރިންގެ އެއްވެސް ޝަކުވާއެއް އަދި ކަންބޮޑުވުމަކީ ބޭކާރު ވާހަކަތަކަކަށް ވިޔަ ނުދެއްވާނެއެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ މަސްވެރިކަމުގެ ސިނާއަތު ކުރިއަށް ގެންދަން ކަމަށާއި އެކަމަށްޓަކައި އެންމެ މުހިންމީ އެ ސިނާއަތުގައި ތިބި މީހުންގެ ހިޔާލާއި މަޝްވަރާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.




