މިހާރު އިއުލާނުކޮށްފައިވާ ސްޓޫޑެންޓް ލޯނު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ދޫކުރުމަށް ސަރުކާރުން ނިންމަވައިފި އެވެ.
މިކަން އިއުލާން ކުރެއްވީ ވަޒީރުންނާ ސުވާލު ކުރުމަށް ކުރިޔަށްގެންދިޔަ ތިންވަނަ ”އަހާ“ ފޯރަމްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ.
ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނަށް މިބުރުގައި ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”އަޅުގަނޑު އެބަ އޮތް ވަރަށް މުހިންމު ވާހަކައެއް ހިއްސާ ކޮށްލަން ރާއްްޖޭގެ ލޮބުވެތި ރައްްޔިތުންނަށް… މިވަގުތު އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނުގެ ޕްރޮސެސް ކުރިއަށް. އަދި އިތުރުވެސް ކޮށްފިން އަޅުގަނޑުމެން އެއީ ދޭއް މެއިއަކީ އެންމެ ފަހު އެޕްލިކޭޝަން ލެވޭނެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ބޭނުންފުޅު ވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތުހަމަވާނަމަ ހުރިހާ ކުދިންނަށް ލޯނު ދެއްވުން.“ މިނިސްޓަރު ވިދާޅުވި އެވެ.
މި ސަރުކާރުން ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް ހުޅުވާލީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު އެވެ. ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު މިހާރުު ވަނީ މެއި މަހުގެ 2 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިދޭން 500 ފުރުސަތު އޭރު ހުޅުވާލި ނަމަވެސް ސަރުކާރުން މިހާރު މިވަނީ ލޯނަށް އެދި ހުޝަހަޅާ ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރާގޮތަށް ނިންމާފަ އެވެ.



