މާޅޮސްމަޑުލު އުތުރުބުރި ދުވާފަރަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވިއެވެ. އެގޮތުން ރ. ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)ގެ އޭ.ޓީ.އެމްގެ ޚިދުމަތާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް މުޢިއްޒުއެވެ.
އަދި ދިވެހިރާއްޖޭގެ ”5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގެ ދަށުން، ރައީސްގެ ދެކަނބަލުން ވަނީ ދުވާފަރުގައި ދިވެހި ރުއް އިންދަވައިދެއްވާފައެވެ. މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ މަސްކެނޑުމުގެ މުބާރާތް ބައްލަވާލައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދެވި ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، އިއްޔެ މެންދުރު، މަސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލުހޯއްދެވިއެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލުތަކެއް ގެނެސްދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެފަރާތްތަކަށް އެމަނިކުފާނު ދެއްވާފައިވެއެވެ.
މަސްވެރިންގެ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަށް ދުވާފަރުގައި ބޭއްވި ހަރަކާތްތަކަށްފަހު އެރަށުގައި ކުރިއަށްދިޔަ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.



