ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ، ގަލޮޅު ރައްޔިތުންނާ އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރައްވާނެ ކަމަސް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އަންގާރަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.
އަދި މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30 އިމާދުއްދީން ސްކޫލްގައި ކަމަށް ހީނާ ވިދާޅުވިއެވެ.
”ވީމާ ގަލޮޅުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދައުވަތު އަރުވަމެވެ.“ހީނާ ގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސްގެ ސިޔާސީ ވައުދުފުޅާއި އެއްގޮތަށް، އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފެއެވެ. ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ހައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ކުރިޔަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ވިލިމާލެ،މައްޗަންގޮޅީ، މާފަންނު އަދި ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ރައިީސް މިހާާރު ވަނީ ބައްދަލުކުރައްވާފައެވެ.


