ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން ބުނީ ކުރިއަށްއޮތް ދޮޅު މަސްތެރޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ފުރިހަމަކޮށް ނިމޭނެ ކަމަށެވެ. އަދި އެ މަޝްރޫޢުގެ ދަށުން ބިން ހިއްކަން ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން މިހާރު 31 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
އެމްއޭސީއެލް އިން ބުނީ މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން %49.2 މަސައްކަތް ކަމަށެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރެއް ގެނެސް، މިދިޔަ މަހުގެ 28 އިން ފެށިގެން އެ މަސައްކަތްކުރަމުންދަނީ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މި މަޝްރޫއަށް ވަނީ ވަގުތީ މަޑުޖެހުމެއް އައިސްފައެވެ. މި މަޑުޖެހުމަށްފަހު، ބާކީ ހުރި ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފަށާފައިވަނީ ނޮވެމްބަރު 10 ވަނަ ދުވަހު ހަވީރެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.



