ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ 2 މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުށަހެޅޭނެކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 45،700 ރުފިޔާ ލިބޭއިރު ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 18000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބޭނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމީހަކީ ޢުމުރުން 25 އަހަރުވެފައިވާ މީހަކަށްވުން ހިމެނެއެވެ. އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހޭނެއެވެ.



