ތައިލޭންޑުން އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ތައިލޭންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ކުރި ތަހުލީލުތަކުން ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަންޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަމަށް، ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އަދި ޑައިބެޓިކް މީހުން ބޭނުންކުރާ ބޭހެއްކަމުގައިވާ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މގ އާއި ރެނިޓިޑން 150 މގ އާއި ވިޓަމިން އޭ – ރެޓިނޯލް 60މގ ގެ ބޭހުގެ ބެޗުތަކުގައި މި މައްސަލަ ޖެހިފައިވާކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ.
އެގޮތުން މިކަމާއި ގުޅިގެން ބެލިބެލުމުން ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބްރޭޑްތަކުގެ ބޭސް އިމްޕޯޓްކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.
އެމްއެފްޑީއޭ އިން ވަނީ ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވާތީ އާއި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ، މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.



