ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްގެން ޙިދުމަތް ދޭން ފެށުމުން، ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރ. މާކުރަތުގައި ސަރުކާރުން ތަރައްޤީކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ އެއީ ރާއްޖޭގައި ހިންގާ އެންމެ ފުޅާ ފުލުހުންގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްގެ ތެރެއިން ހުޅުވިގެންދާ ދެވަނަ ފުލުހުންގެ މަރުކަޒުކަން ފާހަގަކުރައްވާފައެވެ.
އަދި ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި މިވަގުތު މަސައްކަތް ހިނގަމުންދާ 140އަށް ވުރެ ގިނަ އިމާރާތްތަކުގެ ޕްރޮޖެކްޓްތައް ނިންމާ ފުލުހުންގެ ޚިދުމަތައް ބޭނުންވާ ގޮތައް އެތަންތަން ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ ހިދުމަތަށް ބޭނުންވާ އުމްރާނީ ތަރައްގީއަކީ އަގުބޮޑު އެހެންނަމަވެސް އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓްތަކެއް ކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަދި މާކުރަތުގައި ގާއިމްކުރެވުނު ފުލުހުންގެ މަރުކަޒާއެކު ރ.އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށްގެން ޙިދުމަތް ދޭން ފެށުމުން، ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ގިނަ ގޮތް ގޮތުން ފަސޭހަތައް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރަށް ދިވެހި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ރައީސް ނިންމެވި ނިންމެވުމަކީ ފުލުހުންގެ ޚިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ރަނގަޅަށް ފުރިހަމަކޮށް، ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވައުދުވިގޮތަށް ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ގޭންގް ހަދައިގެން ކުއްކުރުމުގެ މާހައުލު ނައްތާލުމާއި، ގަވައިދާ ޚިލާފައް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލައް ވަންނަމުންމިދާ ދިއުން ހުއްޓުވުމާއި ޑްރަގްގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ ކަމެއްކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.


