ދަޢުވަތުގެ މަސައްކަތްތައްކުރާ ޖަމްޢިއްޔާތަކަކީ ހަޤީޤަތުގައިވެސް ވަރަށް މުހިއްމު ޚިދުމަތްތަކެއް މުޖުތަމަޢުއައް ފޯރުކޮށްދެއްވަމުން ގެންދަވާ ޖަމްޢިއްޔާތަކެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2025 ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާއި ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ.
މިގޮތުން ބާއްވަން ފެށުނު އަހަރީ ބައްދަލުވުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ފާއިތުވެދިޔަ އަހަރުވެސް މިނިސްޓްރީ އިން ޖަމްޢިއްޔާތަކަށް ތަފާތު އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަހަރީ ބައްދަލުވުމުގައި ޖަމްޢިއްޔާތަކުން ދޭ ލަފާއާއި މަޝްވަރާއަކީ މިނިސްޓްރީގެ މަސައްކަތްތަކަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޖަމްޢިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ އުފަލާއެކީ ބަލައިގަންނާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ޖަމްޢިއްޔާތަކާއި ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިނިސްޓްރީ އިން ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
”ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދީނީ އެއްބަވައިވަންތަކަން ޤާއިމްކުރުމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރެވޭ މަސައްކަތެއްކަމުގައި މި މަސައްކަތްވުން.“ މިނިސްޓަރު ވިދާޅުވިއެވެ.
އިއްޔެ އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ފެށުނު ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކުން ބައިވެރިވެއެވެ.



