ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރ. ދުވާފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި، އެ ކުންފުނިން ޓައިޓަލް ސްޕޮންސަރއެއްގެ ގޮތުގައި ބައިވެރިވެފައިވާ ކަމަށެވެ.
އަދި“ އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް“ ގެ ޓައިޓަލް ސްޕޮންސަރގެ އިތުރުން ”މަސްވެރި ހަވީރު“ ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި ޙަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ.

ޑިސެންބަރު 12 އިން 13 އަށް ދުވާފަރުގައި ކުރިއަށްގެންދާ މި ޙަރަކާތްތަކަކީ، ’މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ޒުވާނުންގެ ބައިވެރިވުން‘ އިތުރުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ޕުރޮގްރާމެކެވެ.
”އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް“ އަދި ”މަސްވެރި ހަވީރު“ ގެ އިތުރުން، މަސްވެރިންނަށް އަމާޒުކޮށް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ރ. ދުވާފަރުގައި ދޮރުން ދޮރަށް ދާ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
”މި ކެމްޕޭނުގެ މަޤްސަދަކީ، އެމް.ޑަބްލިޔު.އެސް.ސީ އިން ރ. ދުވާފަރުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރުން، އެރަށުގައި އުފައްދާ އައިސް އަދި ތާޒާ ފެނާ މެދު ރައްޔިތުން ދެކޭ ގޮތާއި ޚިޔާލުތައް ދެނެގަނެ، މި ޚިދުމަތްތަކަށް ރައްޔިތުން އަހުލުވެރިކުރުވުން“ އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.
އެގޮތުން، ރ. ދުވާފަރާއި ކައިރި އަތޮޅުތަކަށް އަމާޒުކޮށް ވައިބަރ ކޮމިއުނިޓީ ގްރޫޕެއް ތަޢާރަފުކޮށް އެ ގްރޫޕް މެދުވެރިކޮށް އެމް.ޑަބްލިޔު.އެސް.ސީއިން ރ. ދުވާފަރާއި އަތޮޅުތެރޭގައި ދެމުންގެންދާ ޚިދުމަތްތަކުގެ އިތުރު މަޢުލޫމާތާއި ކުރިއަށްގެންދެވޭ ޕްރޮމޯޝަންތަކުގެ ތަފްސީލްތައް ޙިއްސާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
”މި ހަރަކާތްތަކުން ރ. ދުވާފަރާއި ކައިރި ރަށްރަށާއި އަތޮޅުތަކުގެ މަސްވެރިން އަދި ވިޔަފާރިވެރިންނަށް އެމް.ޑަބްލިޔު.އެސް.ސީގެ އައިސް އަދި ތާޒާ ފެން ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުތައް މަގުފަހިވެގެންދާނެ“ އެ ކުންފުނިން ބުނެފައި ވެއެވެ.
ރ. ދުވާފަރަކީ، އެމް.ޑަބްލިޔު.އެސް.ސީގެ އިންޓަރގްރޭޓަޑް ޔުޓިލިޓީގެ ދަށުން، ފެނާއި ނަރުދަމާ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، ކަރަންޓުގެ ޚިދުމަތާއި ކުނި މެނޭޖުކުރުމުގެ ޚިދުމަތްވެސް އެމް.ޑަބްލިޔު.އެސް.ސީގެ ބެލުމުގެ ދަށުން ފޯރުކޮށްދެމުން ގެންދާ ރަށެކެވެ. މީގެ އިތުރުން މިރަށުގައި އެމް.ޑަބްލިޔު.އެސް.ސީގެ ތަޒާ ފެނާއި އައިސް އުފައްދާ ކާރުޚާނާއެއްވެސް ހުރެއެވެ.




