ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެންޑީއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަންއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ކާރިސާތަކުން އަރައިގަތުމަށް ދުރާލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ދިނުމުގައި ޕީއެސްއެމްގެ ޚަބަރުފަތުރާ ވަޞީލަތްތަކުގެ ބޭނުންކުރާނެއެވެ.
މި އެއްބަސްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި އާންމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު ކަމަށެވެ.
”މިފަދަ ކަންކަމާއި ދެކޮޅަށް ކުރެވޭ އެންމެ މުހިއްމުކަމަކީ ދުރާލާ ރައްޔިތުން ހޭލުންތެރިކުރުވުން. އެކި ރަށްރަށުގައި އަޅުގަނޑުމެން ހިންގާ އެކި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޕީއެސްއެމްއާއި ގުޅިގެން ގެނެސްދެވޭނެ.“ ޙިސާން ވިދާޅުވިއެވެ.
މީގެ އިތުރުން މި އެއްބަސްވުމާއި ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، ރައްޔިތުންނަށް ގެއްލުންވާ ކޮންމެ ކަމަކުން އަރައިގަތުމުގައި އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއަކަށް ޕީއެސްއެމްވާނެކަމަށާއި ޕީއެސްއެމުން ބަލަނީ އެއީ އަމިއްލަ ކަމެއްގެ ގޮތުގައި ކަމަށެވެ.




